ދިވެހިންނަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސްޓެލްކޯއިން އެނާރޖީ މެނޭޖްމަންޓް ސިސްޓަމެއް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓެރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވިއެވެ.
މި ނިޒާމުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ބެޓެރީ ސިސްޓަމްތައް ގާއިމުކުރެވި، އޭގެ ބެޓެރިތަކާ ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެއެވެ. އަދި އިލެކްޓްރިކް ކާރު ޗާޖުކުރުމަށް އީވީ ޗާޖިންގ ސްޓޭޝަންތަކެއްވެސް ގާއިމުކުރެވިފައިވެއެވެ.
މީގެއިތުރުން އިލެކްޓްރިކް ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބެލުމުގެ ފުރުސަތު ޢާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި އެއީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ރައްޔިތުން ޝައުގުވެރިކުރުވައި، އެފަދަ އުޅަނދުތަކަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
އެނާރޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިންގ ސްޓޭޝަންތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ. މިއީ ސަރުކާރުން އަމާޒުހިފާފައިވާ 33 ޕަސެންޓްގެ އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ފަހުމީ ފާހަގަކުރެއްވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މިފަދަ ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެކެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މާލޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށްވެސް އޭގެ ފައިދާތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




މިފަދަލިޔުއްވުންތަކުންއެއެއްޗެއްގެއަގުސާފުވާންޖެހޭ