ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ އާ ދެކޮޅަށް ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ. އެގޮތުން އެމަގާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވި ގޮތުގައި، މި ވާހަކަތައް ފަތުރަމުންދަނީ ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ކަމަށާއި، އަދި މިއީ އެމަނިކުފާނުގެ އަބުރަށް އަރައިގަތުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އަދި މި ވާހަކަތަކުގައި އިޝާރާތްކުރެވޭ ފްލެޓަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އަހަރުތަކެއް ކުރިން ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއްކަން ހާމަކުރެއްވިއެވެ.
“ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން،” ފަހުމީ ވިދާޅުވިއެވެ.
އެހެންނަމަވެސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ކުރެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކުރައްވާ ކަމަށާއި، އެފަދަ ފާޑުކިޔުންތަކަށް މަރުޙަބާ ކިޔާނެ ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.



