ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އާދީއްތަ ދުވަހުގެ މެންދުރު ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ. އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރާފިއުއެވެ.
175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 11،954،501 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ،
“ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް. މިހެން މި ދަންނަވާލީ ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހުގަ މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ އަޅުގަނޑުމެންނަށް ޚިދުމަތަށް ނެގުނު ފުރަތަމަ ރަށް ތުލުސްދޫއަކީ. ތުލުސްދޫގަ މިހާރުވެސް ހިނގަމުން އެދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް. އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަރހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފަވާ ސަރަޙައްދަށް. އެހެންވީމަ އެކަމަށްޓަކާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން”.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ،
“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއަދު ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ އަޅުގަނޑުމެން ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކޭ. އެއީ ތުލުސްދޫ އަޅުގަނޑަށް މިހާރުވެސް ފާހަގަކުރެވިފަ ވަނީ ރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގަ ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގަ. އެހެންވީމަ މި އިންޖީނުގެއާ އެއްކޮށް، ﷲގެ ރަޙުމަތްފުޅާއެކު އެ ހުރިހާކަމެއް ޙައްލުވެގެން ދާނެކަމަށް އަޅުގަނޑު މި އުއްމީދު ކުރަނީ. މި ދަންނަވަނީ އާންމު ދިރިއުޅުމުގަ ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ޙާލަތެއްގަ. ހަމަ ވަރަށް ރަނގަޅު ޙާލަތެއްގަ ކަރަންޓު އޮތީ. އެހެން ނަމަވެސް މި ޢީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސާ، އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ”
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ،
“މިއަދަކީ ހަމަ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެން ވަރަށް ގިނަ ދުވަސް ވެއްޖެ ތުލުސްދޫގައި އާ ޕަވަރހައުސްއެއް އެޅުމުގެ އިންތިޒާރުގަ ތިބޭތާ. އަޅުގަނޑަށް ހީވަނީ އެކަންތައް ދެންހަމަ ގާތްގަނޑަކަށް ނިމުމަކަށް އައިއްޔޭ މި…ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ހަމަ ދެގުނަޔަށް އިތުރުކުރަންޖެހޭނެ. އެޔާއެއްކޮށް ތުލުސްދޫގަ މި އާ އިންޖީނުގެ އެޅިގެންދިޔައިމަ، އެފަރާތްތަކަށްވެސް އެ ޔަޤީންކަން ލިބިގެންދާނެ. ކަރަންޓުގެ ޔަޤީންކަން. އެއީ މިހާރުވެސް ވަރަށް ގިނަ އިންވެސްޓަރުން ސުވާލުކުރޭ ތިމަންނަމެންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ލިބޭނެހޭ. އަޅުގަނޑުމެން ބުނަން މިހާރުވެސް ލިބޭނޫންތޯއޭ ދެން އަދި ކުރިއަށް އޮތް ތަނުގަ މިއަށްވުރެވެސް ރަނގަޅަށް ލިބޭނޭ”އެވެ.
