ސަލާމަތީ ބާރުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން މާލޭގައި ‘އީދު ހަވީރު’ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަށެވެ.
އެމްއެންޑީއެފްއިން މިއަދު ހާމަކުރި ގޮތުގައި، މި ހަރަކާތް އޮންނާނީ މާލޭ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ކުދިބޮޑު އެންމެނަށް ވެސް ހުޅުވާލެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އީދު ހަވީރުގައި ހިމެނޭ ހަރަކާތްތައް:
މި ހަރަކާތުގައި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި އީދު ހަދިޔާ ދިނުމުގެ އިތުރުން، ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއި، އެކި ފަންނުވެރިންގެ ހުށަހެޅުންތައް ހިމެނެއެވެ. އަދި ކުޅިވަރު ކުޅުމާއި ހާއްސަ އެކި ފަރާތްތަކާ ބައްދަލުވުމުގެ ހަނދާނީ ވަގުތުކޮޅުތަކެއް ވެސް ހިމެނޭނެއެވެ.
“އީދު ހަވީރަކީ އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދިނުމަށް މާލޭގައި ބާއްވާ ހާއްސަ ހަރަކާތެއް،” އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްސަދަކީ އާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުން ކަމަށް އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.



