އަންނަ 1446ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ރޭވިފައިވާ ޙަރަކާތްތައް އިތުރަށް ފުޅާކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ އަޟްޙާ ޢީދު ފާހަގަކުރުމުގެ ފަންނީ ކޮމެޓީގެ ބައްދަލުވުމުގައެވެ.
ފާއިތުވި އަހަރުތަކާ ޚިލާފަށް، މިފަހަރުގެ ޢީދު ފާހަގަކުރުމުގައި ޤައުމީ ފެންވަރުގައި ތިން ސަރަޙައްދެއްގައި ރަސްމީ ޙަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޙަރަކާތްތަކުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ ޙަރަކާތްތައް ޓީވީއެމްއިން ދައްކާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި މިފަހަރުގެ ޢީދު ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ އިސްލާމީ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތަށް ޙަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި ޢީދު ފާހަގަކުރުމުގެ ޕްރޮޕޯސަލްތައް އެކުލަވާލުމުގައިވެސް މި މިންގަނޑުތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި އަހަރުގެ ޢީދު ފާހަގަކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ތިން މުއައްސަސާއެއްގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ދީނީ ކަންކަން ބަލަހައްޓާނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމަށާއި، މީޑިއާގެ ކަންކަން ބަލަހައްޓާނީ ޕަބްލިކް ސަރވިސް މީޑިއާއިން ކަމަށާއި، އިދާރީ އަދި އިންތިޒާމީ ކަންކަން ބަލަހައްޓާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.