ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މިއަދު ދެ ދަންފަޅިއަކަށް ކަރަންޓު ވަގުތީގޮތުން މެދުކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ހެނދުނު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، މިއަދު ހެނދުނު 10:00 އިން 11:00 އަށް ހިޔާ ޓަވަރުތަކުގެ ތެރެއިން H1 އިން H8 އަށް ހުރި ޓަވަރުތަކާއި ކާމިލް ދީދީ ސްކޫލުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މެންދުރު 13:00 އިން 14:00 އަށް ވިނަރެސް V1 އިން V10 އަށް ހުރި ޓަވަރުތަކާއި، އެމްޕީއެލް ޓަވަރުތަކާއި ސަލާހުއްދީން ސްކޫލުން ކަރަންޓު ކަކެނޑިދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ނަމަވެސް ސްޓެލްކޯއިން ވަނީ މަސައްކަތް ނިމުމާއެކު ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އަދި މި މަސައްކަތަކީ ކަސްޓަމަރުންނަށް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަމުން، ކަރަންޓު ކަނޑާލަން ޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.