ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވީގޮތެއް ނޭންގި ކުއްލި އަކަށް ނިޔާވި ސަދާ ސަޢުދުﷲގެ ކޭސްގައި އެ ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ނިންމައިފިއެވެ.
މީގެ ކުރިން މިނިސްޓްރީ އޮފް ހެލްތުން ވެސް ވަނީ މިމައްސަލަ ތަހުގީގު ކޮށްފައެވެ. އެ މިނިސްޓްރީންވެސް ބުނެފައިވަނީ ސަދާ ނިޔާވުމުގައި އެ ހޮސްޕިޓަލުގެ އިހުމާލު އެބައޮތް ކަމަށެވެ. މިއާއެކު ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް، މިނިސްޓްރީން ވަނީ މެޑިކަލް ކައުންސިލަށާއި، ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށްވެސް އަންގާފައެވެ.
ކުއްޖާގެ އާއިލާގެ ފަރާތުން މިމައްސަލަ އެޗްއާރުސީއެމްއަށް ހުށަހެޅި އިރު އެ ކޮމިޝަނުން ކުއްޖާގެ ބައްޕަ ސައުދުﷲ ޙަސަނަށް ފޮނުވި ސިޓީގައި ވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށްވެސް ކުއްޖާގެ ބައްޕައަށް އެޗްއާރުސީއެމް އިން ފޮނުވި ސިޓީގައިވެއެވެ.
އަދި މިކަމުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް ހުށަހެޅުމުގެ ބާރު އެބައޮތް ކަމަށްވެސް އެޗްއާރސީއެމްގެ ސިޓީގައި ވަނީ ބުނެފައެވެ.