ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމާބެހޭ ސާރވޭ އަށް އާއްމުންގެ ހިޔާލު ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ.
އެޗްޕީއޭ އިން އާއްމުންނަށް ހުޅުވާލާފައިވާ ސުވާލުގައި ހަތަރު ބައެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ދުންފަތާއި ގުޅިގެން ހެދިފައިވާ ގަވާއިދުތަކާއި ގުޅޭ ސުވާލާއި، ދުންފަތުން ލިބޭ ގެއްލުމާއި ގުޅުންހުރި ސުވާލުތައް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުން ދުރުވުމަށް ދޭ ސެޒޭޝަން ފަރުވާގެ މައުލޫމާތުގެ ސުވާލުތައް ހިމެނެއެވެ.
އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިގޮތުން މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަނީ ނިންމާފަ އެވެ.