ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މިއަދު ވަކި ސަރަހައްދުތަކަކުން ކަރަންޓު ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިގޮތުން ސްޓެލްކޯއިން ބުނީ ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. ނަމަވެސް މަސައްކަތް ނިމުމާއެކު ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
“މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،” ސްޓެލްކޯއިން ބުންޏެވެ.



