ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މިދިޔަ އަހަރުގެ ޖުލައި މަހުގައި ތަޢާރަފްކުރި “އިނޮވޭޓިވް ހަބް”ގެ ދަށުން އުފެއްދުންތެރި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާލީ އެހީއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ، ބައިނަލްއަޤްވާމީ އުފެއްދުންތެރިކަމުގެ ދުވަހާއި ގުޅިގެން އެމްއެންޔޫ އިން ވަނީ އެ ޔުނިވާސިޓީގެ ފުލް-ޓައިމް ދަރިވަރުންނަށް “އިނޮވޭޓިވް ހަބް”ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މި ފުރުޞަތަކީ އުފެއްދުންތެރި އަދި އީޖާދީ ވިޔަފާރިކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އެ ދަރިވަރުންގެ ޚިޔާލުތަށް ތަޖުރިބާކާރު ބޭފުޅުންނަށް ހުށައަޅައި އެބޭފުޅުންގެ ލަފަޔާއި އިރުޝާދު ލިބި، މިފަދަ ޚިޔާލުތަކުން ފުރިގެންވާ އެތަށް ދަރިވަރުންނަކާއިއެކު މަސައްކަތްކުރުމުގެ އިތުރުން ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ދެވޭ ފުރުޞަތެކެވެ.
“އިނޮވޭޓިވް ހަބް” މެދުވެރިކޮށް “ސީޑް ކެޕިޓަލް” ގެ ނަމުގައި ތިން ގިންތިއަކަށް ބަހައިލާގެން، 50،000 އާއި 500،000 ރުފިޔާއާއި ދެމެދުގެ މާލީއެހީއެއް ފޯރުކޮއްދެވޭނެއެވެ.
• އެންމެ ކުޑަމިންވަރު-50،000 ރުފިޔާ
• މެދު މިންވަރު-225،000 ރުފިޔާ
• މަތީ މިންވަރު-500،000 ރުފިޔާ
މި “އިނޮވޭޓިވް ހަބް”ގެ އެންމެ ފުރުތަމަ މަރުޙަލާގައި އެންމެ ގިނަވެގެން ހޮވުމަށް ހަމަޖެހިފައިވަނީ 10 ދަރިވަރުން ކަމަށް އެމްއެންޔޫއިން ހާމަކުރެއެވެ. މި މަރުޙަލާގައި، ދަރިވަރުންނަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން އިރުޝާދު ލިބިގެންދިޔުމާއެކު، އެމްއެންޔޫގެ ވަޞީލަތްތަށް ބޭނުންކުރުމުގެ ފުރުޞަތު ވެސް ލިގެންދާނެއެވެ. ނަމަވެސް، މި މަރުޙަލާގައި ދަރިވަރުނަށް ދޫކުރެވޭނީ މާލީ އެހީގެ 20-50 އިންސައްތައެވެ. އެގޮތުން، ޕޮރޮޓޯޓައިޕް ޑިވެލޮޕްކުރުމާއި މާކެޓިކްނގ ރިސާޗް ހެދުން ފަދަ މަސައްކަތްތަކަށް ބަލައި ދަރިވަރުންނަށް ފައިސާ ދޫކުރާނެއެވެ.
އެމްއެންޔޫގެ “އިނޮވޭޓިވް ހަބް”ގެ ފަރާތުން ބޮޑަށް އިސްކަން ދެއްވާނީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ގޮތުގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށެވެ.
ތިރީގައިވާ ލިންކް މެދުވެރިކޮށް “އިނޮވޭޓިވް ހަބް”ގައި ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުޞަތު 10 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.