އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިމްތިހާނުގެ މަރުހަލާ މިމަހުގެ 28 އަދި 29 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައިވަނީ 549 ފަރާތުންނެވެ. އަދި ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 50 ފަރާތުގެ ނަތީޖާ ވަރަށް އަވަހަށް އިޢުލާން ކުރެވިގެންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އިމްތިހާނުގެ އިންތިޒާމުތައް ބެއްލެވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ވަނީ ޒިޔާރަތްކުރައްވާފައެވެ.
މި ރެކްރޫޓްމަންޓް ޕްރޮގްރާމަކީ އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާނެ ޒުވާން އޮފިސަރުން ތަމްރީނު ކުރުމަށް ހިންގޭ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ފަރާތްތަކަށް ޚާއްޞަ ތަމްރީނުތަކެއް ދެވިގެންދާނެކަމަށް އިމިގްރޭޝަން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ވަނީ މި މަސައްކަތުގައި އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި އިމްތިހާނުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކާމިޔާބަށްވެސް އެދިފައިވެއެވެ.



