ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ. އެގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް، އެކަން ތަންފީޒު ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.
މި ބަދަލާ އެކު، 600 ޔުނިޓުން މަތީގެ ބޭންޑުގެ ރޭޓު މިހާރުގެ 4.25 ރުފިޔާއިން 3.83 ރުފިޔާއަށް ކުޑަވެގެންދާނެ އެވެ. މި ބަދަލުތައް ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ކަރަންޓުގެ އަގު ބޮޑުކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަ ދަނޑިވަޅެއްގައި މި ބަދަލު ގެނެސްފައި މި ވަނީ އެވެ. ހާއްސަކޮށް ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާތައް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.
އަގުތައް ކުޑަކުރަން ނިންމުމުގެ ކުރިން، މި އަހަރުގެ ރޯދަ މަހާއި ޖެހިގެން އައި މަހު ވެސް ކަރަންޓު ބިލުތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ސަރުކާރުން ދީފައިވެ އެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅުއްވި އިތުރު ފިޔަވަޅެކެވެ.



