ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ޙަޤީޤީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި ކަށަވަރުވަމުންދާ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް އެކަން ތަންފީޒު ކުރުމަށް ނިންމަވާފައިވާކަން ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވުމާއި ގުޅިގެން ފަހުމީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކަމަކީ ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ކަމަށެވެ.
“ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިޢުލާންކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ޝުކުރު ދަންނަވަން،” ފަހުމީ ވިދާޅުވިއެވެ.
ރައީސް ރޭ ގެންނަން ނިންމެވި މި ބަދަލާއެކު މި ބަދަލާ އެކު، 600 ޔުނިޓުން މަތީގެ ބޭންޑުގެ ރޭޓު 4.25 ރުފިޔާއިން 3.83 ރުފިޔާއަށް ކުޑަވާނެ އެވެ.



