މާލެ ސަރަހައްދުން ކަރަންޓު ކެނޑުން ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ފުރިހަމަ ޔަގީީީންކަން ރައްޔިތުންނަށް ދެއްވާ ކަަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭ ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ އާދިއްތަ ދުވަހު 12:40 ހާއިރެވެ. އޭގެ ހަ ވަރަކަށް ގަޑިއިރު ފަހުން މުޅި މާލެ ސަރަހައްދަށް ކަރަންޓު ދެވިފައިވާކަން ސްޓްލެކޯއިން އިއުލާންކޮށްފައި ވަނީ 6:46 ގައެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ސްޓެލްކޯއިން މިހާރު ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.
ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވިކަން ހާމަކުރެއްވުމަށްފަހު ފަހުމީ ވަނީ ކަރަންޓު އަލުން ދިނުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
“މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން” ފަހުމީ އިތުރަށް ވިދާޅުވިއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މިހާތަނަށް ބެލިބެލުމުން ގްރިޑަށް ގެއްލުމެއް ލިބިފައިވާކަން ފާހަގައެއް ނުވެއެވެ. ނަމަވެސް ކަރަންޓު ކެނޑެން ދިމާވި މައްސަލަ ދެނެގަތުމަށް އިންޖިނިއަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މައްސަލައާ ގުޅުންހުރި މަޢުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެއްލެވުމަށް އަންގަވާފައެވެ. އަދި ފުލުހުން ވެސް އަންނަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.



