އަލްހާ އީދާއި ގުޅިގެން މިއަދުގެ ހަވީރު، މާލެ ސަރަހައްދުގެ މަގުތަކުގައި އެއްވެސް ބާވަތެއްގެ އިންޖީނުލީ އަދި ބެޓެރީން ދުއްވާ އުޅަނދެއް ދުއްވުން މަނާކޮށްފިއެވެ.
ފާއިތުވި އަހަރުން ފެށިގެން ކޮންމެ އީދެއްގައިވެސް، ކުޑަކުދިންނާއި އާއިލާތަކަށް މަގުމަތީގައި މިނިވަންކަމާއެކު ހިނގާބިނގާވެ އުޅެ، ކުޅިވަރު ކުޅުމަށް ފުރުސަތު ދިނުމަށްޓަކައި، ވަކި ގަޑިތަކެއްގައި މަގުތަކުގައި އުޅަނދު ދުއްވުން ވަނީ މަނާކޮށްފައިވެއެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައިވާ ގޮތުން، އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅަނދު ދުއްވުން މަނާވާނެއެވެ. މި ވަގުތުގައި ހަމައެކަނި ދަތުރުކުރެވޭނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދުއްވާ އުޅަނދުތަކަށެވެ. މިކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެއެވެ.
އިމަޖެންސީ ހާލަތުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހާއްސަ ސްޓިކަރެއް ދޫކުރެވޭނެކަމަށާއި މި ސްޓިކަރ އީދު ދުވަހު ހެނދުނު 8:30 އިން 10:30 އަށް އަދި މެންދުރުފަހު 2 އިން 3 އަށް، ތައިސޭކޮށީގައި ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތުގެ ބައިން ލިބެން ހުންނާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.



