- Advertisement -ad image

އިގްތިސާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ކުރިޔަށްދާނީ ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އިޤްތިޞާދީގޮތުން ސަރުކާރުން އަޅަމުންގެންދަނީ ކާމިޔާބު ޙާސިލުކުރެވޭނެ ފިޔަވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ)ގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިޔާއިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށްބޮޑަށް ކުރަމުން އަންނަކަމަށެވެ.

އެގޮތުން މިއަހަރު ފެށުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ޤައުމުން ފަތުރުވެރިން އައުން، ހަނގުރާމައާ ގުޅިގެން ހުއްޓުމަކަށް އައުމާއި، ތެލުގެ އަގު އެތައްތަނެއް މައްޗަށް ދިއުމާ އަދި ތަކެތީގެ އަގުތައް އުފުލި، ކުރިން ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ބޮޑު ހޭދައެއް ތެޔޮގަތުމަށާއި ސަބްސިޑީއާ އަދި ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމަށް ހޭދަކުރަންޖެހުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި، މި ޙާލަތާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ކުރިން ރިސޯޓްތަކުގެ ބިމުކުލި ކުޑަކުރުމަށް ސަރުކާރުން ނިންމާފައި އޮތް އޮތުން މި ވަގުތަށް މަޑުޖައްސާލައި މި ދުވަސްވަރު ރިސޯޓްތަކުގެ ބިމު ކުލި ކުޑަނުކުރާ ގޮތަށް ނިންމެވުމާއި އަދިވެސް ޚަރަދުތައް ކުޑަކުރުމާއި އަދި މިވަގުތަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމެވުން ހިމެނެއެވެ.

މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި އޮތް ނަމަވެސް ރާއްޖޭގެ އިޤްތިޞާދުގެ އަމާޒުހުރީ ރަނގަޅަށްކަން ފާހަގަކުރައްވައި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިންވެސް ޒިޔާރަތްކުރިކަމާއި އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީ ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަކިން ޚާއްޞަ ގޮތެއްގައި ދަރަނި ދެއްކުމުގައި މިއަހަރާއި އަންނަ 2023 ވަނަ އަހަރާއި އަދި 2024 ވަނަ އަހަރުވެސް އެއްވެސް ދަތިކަމެއްނެތި ކަނޑައެޅިފައިވާ ގޮތަށް އެކަންކަން ކުރިޔަށްގެންދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީ ގޮތުން ދަތިތަކެއް ހުރުމާއެކު ސަރުކާރުން ކުރިޔަށްދާނީ ޚަރަދުތައްކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އަދި އިޤްތިޞާދަށް އަންނަ ކުރިއެރުމާ ވެސް އެކުގައި ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ