މާލޭގެ ކެފޭއެއްގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީން އިމިގްރޭޝަނުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން އަތުލައިގެންފައި ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައެވެ.
އިމިގްރޭޝަނުން މިއަހަރުގެ ތެރޭގައި ހިންގި ރެއިޑު އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާއި ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށާއި، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މިހާރު ދަނީ އިތުރު ފިޔަވަޅުތަކެއް އަޅަމުންނެވެ.



