ކ. ދިއްފުށީގައި އަލަށް ޤާއިމްކުރަމުންދާ ޕަވަރހައުސްގެ މަސައްކަތް ނިންމުމުގެ ކުރިން ވާންޖެހޭ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ދިއްފުށީގައި ޒަމާނީ އިންޖީނު ރޫމާއި ކޮންޓްރޯލް ރޫމް ހިމެނޭ ގޮތަށް އަލަށް ޤާއިމްކުރަމުންދާ އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައި ނިމުމަކާ ގާތްވެފައިވާކަން ހާމަކުރައްވާފައިވަނޯ އެރަށު ސްޓޭޝަން މެނޭޖަރ ހުސެއިން ޝާފިއުއެވެ.
ޝާފިއު ވިދާޅުވިގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހު އިމާރާތުގެ ބިންގާ އެޅުމަށްފަހު، އެންމެ ދުވަހެއްގެ ތެރޭގައި މަސައްކަތް ފަށައި، މިހާތަނަށް އައިއިރު އިންޖީނުގޭގެ މައިގަނޑު މަސައްކަތްތައް ނިމި، އިންޖީނު އިންސްޓޯލްކޮށް ޓެސްޓުކުރެވިފައިވެއެވެ. އަދި މިހާރު ކުރިއަށްދަނީ ބާ އިންޖީނުގެ އައު އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތްތަކާއި، ތަނުގެ ފިނިޝިންގ މަސައްކަތާއި، ޕަވަރ ހައުސްގެ ދެ އިންޖީނުގެ ގުޅުވާލުމުގެ މަސައްކަތްކަމަށް ޝާފިޢު ވިދާޅުވިއެވެ.
އައު އިންޖީނުގޭގައި ފަސް ބެޑު ހިމެނޭއިރު، ކޮންމެ ބެޑަކީވެސް 1.6 މެގަވޮޓުގެ އިންޖީނެއް ބެހެއްޓޭވަރުގެ ބެޑެކެވެ. މިހާރު ބޭނުންކުރަމުންދާ އިންޖީނުގޭގެ ކަރަންޓު ކެޕޭސިޓީއަކީ 2,200 ކިލޯވޮޓު ކަމަށްވާއިރު، އައު އިންޖީނުގޭގައި 7 މެގަވޮޓުގެ ކެޕޭސިޓީއެއް ހުންނާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ. މިއީ މިހާރުގެ ކެޕޭސިޓީއާ އަޅާބަލާއިރު ތިން ގުނައެއްގެ އިތުރުވުމެކެވެ.
އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރަށް އިންޖީނުގެތައް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން، އައު އިންޖީނުގެ ޤާއިމުކުރުމަށް 30,000 އަކަފޫޓުގެ ބިމެއް ލިބިފައިވާ ކަމަށާއި، މި ބަދަލާއެކު ސްޓެލްކޯގެ މަސައްކަތަށް ބޮޑު ލުޔެއް ލިބި، އެތެރޭގެ ޚަރަދުތައްވެސް ކުޑަކުރެވިގެންދާނެ ކަމަށް ޝާފިއު ފާހަގަކުރެއްވިއެވެ.