ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި މަސައްކަތަކީ ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއްްކަމަށާއި އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.
ސްމާޓް އެޕްލިކޭޝަނުން ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެންނަން ހުންނާނެކަމަށާއި، މީގެ ތެރޭގައި ގަޑިއިރަކަށް، ދުވާލަކަށް ނުވަތަ ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވުނު މިންވަރު ހިމެނޭނެކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، އިޤްތިޞާދުކޮށް، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވޭނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސްމާޓް އެޕްލިކޭޝަން މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާއި، އަދި ސްޓެލްކޯ ކެއަރ މެދުވެރިކޮށް ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މުއާސަލާތުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ޚިދުމަތެއް ދިނުމަކީ ސްޓެލްކޯގެ މުހިންމު އަމާޒެއް ކަމަށާއި، އަދި މި އަމާޒަށް ވާޞިލުވުމުގައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.



