މެއި މަހާއި އަޅާބަލާއިރު، ޖޫންމަހު އިންފްލުއެންޒާގެ ކޭސްތައް އިތުރުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ކޮންމެ މަހަކުވެސް ނެރޭ ގައިންގަޔަށް އަރާ ބަލިތަކުގެ ތަފާސްހިސާބުން ދައްކާގޮތުގައި ޖޫން މަހު 1489 މީހުން އިންފްލުއެންޒާއަށް ޓެސްޓްކުރިއިރު އެތަނުން 371 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން މެއި މަހާއި އަޅާބަލާއިރު ޖޫންމަހު އިންފްލުއެންޒާ ޖެހުނު މީހުންގެ އަދަދު ގިނަ ކަަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖޫންމަހު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގޫ ކޭސްތައް ރިޕޯޓް ކުރިވަރު މަދެވެ. އެހެންނަމަވެސް އެޗްޕީއޭއިން ވަނީ މި ބަލިތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައެވެ. ހާއްސަކޮށް ޑެންގޫއިން ރައްކާތެރިވުމަށް މަދިރި އާލާވާ ގޮތަށް ތަންތަން ނުބެހެެއްޓުމަށް އެ އެޖެންސީއިން އެދިފައި ވެއެވެ.
ރާއްޖޭގެ ވަކި އަތޮޅަކުން ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓްކޮށްފައި ހުރިގޮތަށް ބަލާއިރު، އެންމެ މަތީ އިންސިޑެންސް ރޭޓެއް ދައްކާފައިވަނީ އއ. އަތޮޅުން ކަމަށްވާއިރު، އެއީ ކޮންމެ 10،000 މީހުންގެ ނިސްބަތުން 898 މީހުންނެވެ. ދެވަނައަށް އެންމެ މަތީ ރޭޓެއް ދައްކާފައިވަނީ ބ. އަތޮޅުން ކަމަށްވާއިރު، އެއީ 484 އެވެ. ތިންވަނައަށް އެންމެ މަތީ ރޭޓެއް ދައްކާފައިވަނީ ގއ. އަތޮޅުން ކަމަށްވާއިރު، އެއީ 535 އެވެ.
މީގެ އިތުރުން، ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ފަދަ ބަލިތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާގެ އެންމެ މަތީ ރޭޓެއް ދައްކާފައިވަނީ ލ. އަތޮޅުން ކަމަށްވާއިރު، 1،743 ކޭސް އެވެ. އަދި ބޭރަށް ހިންގުމުގެ އެންމެ މަތީ ރޭޓެއް ދައްކާފައިވަނީ ޏ. އަތޮޅުން ކަމަށްވާއިރު، އެއީ 368 އެވެ.



