ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުالله ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓު ބެނާ ނެގުމަށް ކޯޓު އަމުރު ހޯދުމަށް އިންވެސްޓިގޭޝަން އޮފިސަރެއްގެ ލޮގްއިން ބޭނުންކޮށްގެން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކޯޓު އަމުރަށް އެދިފައި ނުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ދިޔަރެސް ނޫހުން މިއަދު އާއްމުކޮށްގައިވާ ހަބަރެއްގައި ބުނެފައިވަނީ ރައީސް ޔާމީނުގެ ގެކޮޅަށް ވަނުމަށް ފުލުހުން ހޯދި އަމުރު ހޯދާފައިވަނީ އެ ތަނުގައި މަސައްކަތްކުރާ ފުލުހެއްގެ ލޮގްއިން ވަދެވަޑައިގެން މުހައްމަދު ރިޔާޒު ކަމަށާއި އަދި އެއީ ފުލުހުން އަމަލުކުރާ އުސޫލާ ޚިލާފު މަނާކަމެއް ކަމަށެވެ. މިހަބަރު އެ ނޫހުގައި ޝާއިއުކުރީ ގަލޮޅުވިލީ ފުލުހުގައި މަސައްކަތްކުރާ އިސްވެރިއަކާއި ހަވާލާދީ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯޓުއަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައި އޮންނަނީ އިންވެސްޓިގޭޝަން އޮފިސަރު އެދުމުން އެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވު ކޯޓު އަމުރު ރިކުއެސްޓް ކޮމްޕިއުޓަރު ސިސްޓަމުން ޖެނެރޭޓްވާ ގޮތަށް ކަމަށެވެ. އެގޮތުން މި މިމައްސަލައިގަވެސް ކޯޓު އަމުރު ރިކުއެސްޓް ޖެނެރޭޓު ކޮށްފައިވަނީ އިންވެސްޓިގޭޝަން އޮފިސަރު ރިކުއެސްޓް ކުރުމުން ސްޕަވައިޒަރު އެޕްރޫވު ކުރުމުން ކަމަށެވެ.