ސްޓެލްކޯއިން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އެގްރީމެންޓްތައް ބާތިލުކުރުމަށް އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 އިން ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި މައްސަލައިގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އާންމު މުވައްޒަފުންގެ މުސާރައިން ކުލި ކެނޑޭގޮތަށް އޮތް ނަމަވެސް، ކުންފުނީގެ ބޯޑު މެންބަރުންނާއި ކުރީގެ ސިޔާސީ އިސްވެރިންގެ އަތުން އެގޮތަށް ފައިސާ ކެނޑޭގޮތަށް ނެތުމަކީ ހަމަހަމަކަން ގެއްލޭ ކަމެކެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެންބަރުން ހުށަހެޅުއްވި ގޮތުގައި ކުލި ނުދައްކާ ފްލެޓްތަކުން ކަރަންޓު ކަނޑާލުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ ކުލި ނުދައްކާ ފަރާތްތަކަށް އެގްރީމެންޓްގައިވާ ގޮތަށް ކުލި ދެއްކުމަށް އެންގުމަށްފަހު، އެގްރީމެންޓް ބާތިލުކުރުމަށް ސްޓެލްކޯއަށް އެންގުމަށެވެ.
މި މައްސަލައިގައި އެންމެ ގިނައިން ދައްކަން ޖެހޭ ފަރާތުން 187,000 ރުފިޔާ ދައްކަން އޮތްއިރު، ގިނަ ފަރާތްތަކުން 200,000 އާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން އެބައޮތެވެ. މި ހުށަހެޅުން ކޮމިޓީން ފާސްކުރީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާންގެ ތާއީދާ އެކުގައެވެ.




ތިޔަކަންކުރަން މާލަސްވެސްވެއްޖެ