މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤުފު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި މި ދެ އިމާރާތުގެ ތެރެއިން ދާރުލްއަރުޤަމް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ މާލޭ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައެވެ. އަދި ދާރުއްސަލާމް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 11646 ނަންބަރު ލޮޓުގައެވެ. މި ބީލަން ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އަދި އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި މަޝްރޫޢުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓަރީވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 2025 އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުން ގުޅުމަށް އިޢުލާނުގައި ދަންނަވާފައިވެއެވެ.
ދާރުލްއަރުޤަމްއާއި ދާރުއްސަލާމްގެ މަޝްރޫޢުއަކީ މިހާރުގެ ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢު އެވެ.



