މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ.
އަންނަ ހޮނިހިރު ދުވަހު އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހުޅުވާލާފައިވާ އިރު، ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ވެސް އެ ވަގުތުތަކުގައެވެ. އަދި އާދިއްތަ އަދި ހޯމަ ދުވަހު އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމާއި ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ސަރުކާރުން ދެ ދުވަސް ބަންދު ކުރުމަށް ނިންމާފައިވާ އިރު، ސްކޫލު ޗުއްޓީ ފެށުމާއި ހަފުތާ ބަންދާއެކު، މިނިވަން ދުވަހުގެ ބަންދުގެ ގޮތުގައި ހަތަރު ދުވަސް ލިބޭތީ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ރާވާފައެވެ.



