ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ އެއަރޕޯޓަށް ވަޑައިގެން އެމަނިކުފާނާ ސަލާމްކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންނެވި ޑިސަނަޔަކަ، މި ދަތުރުފުޅުގައި ވަނީ ސަރުކާރުގެ އެކި އިސް ވެރިންނާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މިގޮތުން އިކޮނޮމިކް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ ވަކިން ބައްދަލުކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ކަމަށްވާއިރު، މި އަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.



