ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަބްދުﷲ ޖަމީލް މޫސާ ރޭ އައްޔަންކޮށްފިއެވެ. ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ޖަމީލާ ހަވާލުކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސެއިން ރިޒާ އާދަމެވެ.
15 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފައިވާ ޖަމީލް، 2003 އިން 2009 އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، 2009 އިން 2019 އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވެއެވެ. އޭގެ ފަހުން ވޭތުވެދިޔަ ހަ އަހަރު އޭނާ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލެއްވި އިރު، އެ މަގާމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ޖަމީލްގެ އިތުރުން މުހައްމަދު ޝަހީދުގެ ނަމެވެ. ނަމަވެސް ޝަހީދަކީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މެންބަރެއް ކަމަށާއި އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން، ޝަހީދު ވަނީ އިއްޔެ އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ.
ޝަހީދަކީ ކުރިން ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވުމުގެ އިތުރުން މިހާރުގެ ސަރުކާރުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.



