‘ގެދޮރުވެރިޔާ’ ސްކީމުގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓުތައް ފުރަތަމަ ބުރުގައި ލިބޭނެ ކަމަށް ނިންމާފައިވާ މީހުންގެ ތެރެއިން ކުރިން ފްލެޓު ކަނޑައެޅުމުގެ އެއްބަސްވުމުގައި ސޮއިނުކޮށް ތިބި މީހުންގެ ފްލެޓު ކަނޑައެޅުމުގެ މަސައްކަތް ފަށައިފިކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމުން ފްލެޓުތައް ދޫކުރަމުން އަންނަނީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން 2023 ނޮވެމްބަރު 15 ވަނަ ދުވަހު ގެޒެޓުކުރި ފައިނަލް ލިސްޓަށެވެ. އެ ލިސްޓުގައިވާ ގޮތުން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓު ލިބެނީ 76 ޕޮއިންޓުން މަތިން ލިބިފައިވާ ފަރާތްތަކަށެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ފްލެޓު ކަނޑައެޅުމަށް 2023 ނޮވެމްބަރު 16 ގައި ގުރުއަތު ނެގި ނަމަވެސް، ހުރިހާ ފަރާތްތަކުގެ ގުރުއަތު ނުނަގާ ހުރިކަން ފާހަގަކުރެވިފައިވެއެވެ. އަދި 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓު ކަނޑައަޅާފައިނުވަނީސް، 75 އަށް ވުރެ މަތިން މާކްސް ލިބުނު ބައެއް ފަރާތްތަކަށް ފްލެޓު ކަނޑައަޅާފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.
ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ފަރާތްތަކުގެ މަޢުލޫމާތު އެފްޑީސީއާ މިހާރުވެސް ހިއްސާކުރަމުން އަންނަކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެފްޑީސީން ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފެށީ މިދިޔަ ޖުލައި 21 ވަނަ ދުވަހުއެވެ. މިދިޔަ ހަފުތާގެ ނިޔަލަށް 232 އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް އެފްޑީސީން ހާމަކޮށްފައިވެއެވެ.



