އިތުރު 7 އެއަރލައިންއެއްގެ އޮޕަރޭޝަންތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1 އަށް ބަދަލުކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އޯރެޓް (އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއަރޕޯޓް ޓްރާންސްފަރ) ޕްރޮސެސްގެ ދަށުން ބޭއްވުނު މި ބައްދަލުވުމުގައި، އެއަރލައިންތަކުގެ އޮޕަރޭޝަންތައް އައު ޓާމިނަލަށް ބަދަލުކުރުމުގެ މަރުހަލާތަކާއި، އެކަން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެޅިފައިވާ ފިޔަވަޅުތަކާ ބެހޭ މުހިންމު މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި އެއަރލައިންތަކުގެ އިސް ފަރާތްތަކާއި، އެއަރޕޯޓުގެ އެކި ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދޭ ސްޓޭކްހޯލްޑަރުން ބައިވެރިވެ، އައު ޓާމިނަލަށް ބަދަލުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައިވެއެވެ.
އެމްއޭސީއެލްގެ ފަރާތުން މި ބައްދަލުވުމުގައި އައު ޓާމިނަލްގެ ވަސީލަތްތަކާއި، އެއަރލައިންތަކަށް ލިބޭނެ ޚިދުމަތްތަކާ ބެހޭ ތަފްސީލީ މަޢުލޫމާތު ދީފައިވާއިރު، އޮޕަރޭޝަންތައް ބަދަލުކުރުމުގެ ޓައިމްލައިންއާއި، އެކަމަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޓާމިނަލް 1 އަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް އިމާރާތް ކަމަށްވެފައި، މި ޓާމިނަލަށް އެއަރލައިންތަކުގެ އޮޕަރޭޝަންތައް ބަދަލުކުރެވެމުންދަނީ އެމްއޭސީއެލްގެ ހަރުދަނާ އުސޫލުތަކެއްގެ މަތިން، ރޭވުންތެރިކަމާއެކުގައެވެ.



