ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް މާ ކުރު ކަމަށް ވިދާޅުވެ، އެންމެ މަދުވެގެން ވެސް 10 އަހަރުން 15 އަހަރަށް ވެރިކަމުގެ ދައުރު އިތުރުކުރަން ޖެހޭ ކަމަށް ޗަންޕާ ގުރޫޕުގެ އެމްޑީ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
“ދެނޯ” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އުއްޗު ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ “ޑޮލަރު ވާރެ ވެހޭހެން ވެހޭ” ގައުމެއް ނަމަވެސް، 200 އަށް ވުރެ ގިނަ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ރަށްތައް އެއް ފަސްގަނޑަކަށް ނޯންނާތީ އާއި ދަތުރުފަތުރު އުނދަގޫ ކަމުން، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ހަރަދުތަކަކާއި ވަގުތު ހޭދަވާ ކަމަށާއި، އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން ޑޮލަރުގެ އާމްދަނީއަށް އޭގެ އަސަރުކުރާ ކަމަށް އުއްޗު ވިދާޅުވި އެވެ.
އުއްޗު އިތުރަށް ވިދާޅުވީ، ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުކަމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އެއީ ލޯނު ދެއްކުމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަދި ރައްޔިތުންގެ އަމިއްލަ ބޭނުންތަކަށް ވެސް ޑޮލަރު ބޭނުންވާތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.



