އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ސިއްހީ ފަރުވާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަމާޒުކޮށްގެން ބާއްވާ “މޯލްޑިވްސް މެޑިކަލް ކޮންފަރެންސް” ފަށައިފިއެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުގެ އިސްނެގުމާއެކު ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ. “ޖެރިއެޓްރިކް، ލެޓްސް ޓޯކް އޭޖްޑް ކެއަރ” މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ އެހެނިހެން މުވައްޒަފުން ބައިވެރިވެއެވެ.
ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުން ދިއުމާ ގުޅިގެން، އެ ފަރާތްތަކަށް ދެވޭ ސިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށް މަގުފަހިކުރުމަކީ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްސަދެވެ. މިކަމުގެ މުހިންމުކަން ރާއްޖެއާއި އެހެން ގިނަ ޤައުމުތަކުން ވެސް ފާހަގަކުރާކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނެއެވެ.



