ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ މަސައްކަތް އިތުރު ޑްރެޖަރަކާއެކު މި ހަފްތާގައި އަވަސްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވަނީ 129 ހެކްޓަރުގެ ބިމެވެ. މިއީ މުޅި މަޝްރޫއުގެ 12.84 އިންސައްތައެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ. ނަމަވެސް މަސައްކަތް އަވަސްކުރުމަށްޓަކައި ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ މި މަހު ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. އެ ކުންފުނިން “ސ” އަދި “އީ” ސައިޓުން 265 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރާ ސިޓީއެއް ކަމަށްވާއިރު، މި ސިޓީގައި 26،000 ފްލެޓާއި 11،000 ގޯތި ދޫކުރުމަށް ވަނީ ރޭވިފައެވެ. މި ސިޓީ ތަރައްގީކުރެވެނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ރައްކާތެރިވުމަށް، މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ.



