ގައުމީ ނިއުސް އޭޖެންސީއާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމަށް މީޑިއާތަކަށް ފުރުސަތު ލިބިގެންދާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ޒުވާނުން މީޑިއާގެ ދާއިރާއިން ތަމްރީންކުރުމަށް ފަށާ “ބީމް ޓްރެއިނިންގ އިނިޝިއޭޓިވް” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވަހީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މީޑިއާއެއް ފަށައި ކުރިއަށް ގެންދިއުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެއެވެ. މިގޮތުން މަދު މުވައްޒަފުންނާއެކު ކުޑަ އާމްދަނީއެއްގައި މީޑިއާއެއް ހިންގަންޖެހުމަކީ މީޑިއާތައް ކުރިނާރާ މައިގަނޑު އެއް ސަބަބު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
“މާލީ އެކި ގޮންޖެހުންތަކާއި އަދި އޮފީހުގެ މަސައްކަތުގެ މާހައުލާ ވަގުތުތައް ހުންނަ ގޮތުން ބައިވެރިވާން ބޭނުންވި ކަމުގައި ވިޔަސް ހުރިހާ ޕްރޮގުރާމެއްގައި، ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭ،” މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަހީދު ވިދާޅުވި ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މި މަސައްކަތް ކުރިން ކުރިއަށް ގެންދިޔައީ އިންޓަރނަލް ކަމެއްގެ ގޮތުގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި ދުރުވިސްނުމާއެކު މިހާރު މި މަސައްކަތް ކުރިއަށް މިދަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެންނެވެ.
މިނިސްޓްރީގެ ފަރާތުން ޕީއެސްއެމްއާއެކު ކުރެވުނު މަޝްވަރާތަކުން ޒުވާނުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ފުރުސަތުތަކަށް ބޭނުންވެފައިވާ މިންވަރު ވަރަށް ބޮޑުކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



