އއ. މާޅޮހުގައި މިދިޔަ މަހު އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމްގެ މައްސަލަ ތަހުގީގުކުރުމުގައި ކުރިއެރުންތަކެއް ލިބި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކުރީ މާޅޮހުން ކަމަށާއި އެކަކު ހައްޔަރުކުރީ މާލެއިން ކަމަށް މައުލޫމާތު ލިބެއެވެ.
އަބްދުއްރަހްމާނަށް އަނިޔާކޮށްފައިވަނީ އޭނާ ގޭގައި ނިދާފައި އޮއްވައެވެ. އޭނާގެ ބޮލަށާއި މޫނަށް ދިން ބޮޑެތި އަނިޔާތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް، މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ހެދި އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނާ ބެހޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައި ނުވި ނަމަވެސް، އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



