ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސައްކަތް ނިމިފައިވަނީ މިއަދު ހެނދުނު 8:43 ގައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި، މި މަސައްކަތް ނިމޭނެ ކަމަށް ކުރިން ލަފާކުރެވިފައިވާ ވަގުތު (10:00) ގެ ކުރިން މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް ވަނީ އަލުން ކަރަންޓު ދެވިފައެވެ. މިކަން ހާސިލުކުރެވިފައިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލުކަމާއި ހީވާގިކަމުންކަން ފަހުމީ ފާހަގަކުރައްވާފައިވެއެވެ.
“މީގެ އިތުރުން މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެ މުވައްޒަފުންގެ ކިބައިގައި ހުރުމުން މި މަސައްކަތް މިހާ އަވަހަށް ނިންމާލެވުނީ،” ފަހުމީ ވިދާޅުވިއެވެ.
އެމްޑީ ފަހުމީ މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދެއްވިއެވެ. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވައި، އެންމެހާ ކަސްޓަމަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މި މެއިންޓަނަންސް މަސައްކަތަކީ ހުޅުމާލޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.



