ވެރިރަށް މާލޭގައި އާބާދީ އިތުރުވެ، ކަރަންޓުގެ ބޭނުންކުރުން އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާތީ، ކޮންމެ ފަސް އަހަރަކުން 50 މެގަވޮޓްގެ ކަރަންޓު އުފެއްދޭ މިންވަރަށް ކެޕޭސިޓީ އިތުރުކުރަން ޖެހޭކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފަހުމީ ފާހަގަކުރެއްވި ގޮތުގައި 2019 ވަނަ އަހަރު ހުޅުމާލޭ ޕަވަރ ޕްލާންޓް ބޭނުންކުރަން ފެށުމަށްފަހު އިތުރު ޕަވަރ ޕްލާންޓެއް ނާޅައެވެ. އިތުރު ޕަވަރ ޕްލާންޓްތަކެއް ހުރިނަމަ ޓެކްނިކަލް މަސައްކަތްތަކަށް ކަރަންޓު ކަނޑާލަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މާލޭގެ ޑިމާންޑު މިހިރަ ގޮތުން ކޮންމެ ފަސް އަހަރަކަށް ގާތްގަނޑަކަށް 50 މެގަވޮޓްގެ ކަރަންޓު އެބަ ބޭނުންވޭ” ކަމަށް ފަހުމީ ވިދާޅުވިއެވެ. މިދިޔަ އަހަރާއި މި އަހަރު ވެސް މާލެއަށް 17 މެގަވޮޓްގެ ކަރަންޓު އިތުރުކޮށްފައިވާ ކަމަށާއި، ނަމަވެސް ހައިސްޕީޑް އިންޖީނުތަކެއް ގެނެސް ބަހައްޓައިގެން ކަރަންޓުގެ ޚިދުމަތް ދިނުމަކީ އެންމެ ދެމެހެއްޓެނިވި ގޮތް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
100 މެގަވޮޓްގެ އާ ޕަވަރ ޕްލާންޓެއް އެޅުމަށް 100 އިން 200 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެފައި އޮތުމުން މިވަގުތު އެކަމަށް ފައިސާ ނެތްކަން ފާހަގަކުރެއްވިއެވެ. އަދި ޕްލާންޓް އެޅުމަށް ތިލަފުށި ފަދަ އާންމުންނާ ދުރު ސަރަހައްދެއް ބޭނުންކުރުމަށް ވިސްނާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



