ސަރުކާރުގެ ދެވަނަ އައިނު ފިހާރަ ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ. “އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ” ގެ ނަމުގައި ހުޅުވުނު މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި، ބިނާއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި އައިނު ފިހާރަ ހުޅުވުމަށްފަހު ވާހަކަފުޅުދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައެކޭ އެއްގޮތަށް މި ފިހާރައިން ވެސް ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެ ކަމަށެވެ. އަދި ދުވާލަކު 34 އައިނާއި 40 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރުމުގެ ޤާބިލުކަން މި ފިހާރައިގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވި ގޮތުގައި، މި ފިހާރައިން ކޮމްޕްލިކޭޓެޑް ލެންސްތައް ވެސް ހެދޭނެއެވެ. އަދި ފިހާރައިން ނުހެދޭ ލެންސްތައް ރާއްޖެއިން ބޭރުން ހަދައިގެން ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހުޅުމާލޭގައި އައިނު ފިހާރައެއް ހުޅުވުމަކީ އައިޖީއެމްއެޗްގެ އައިނު ފިހާރައިން ހައްދާ އައިނުގެ އަދަދު ޑަބަލްވުން ކަމަށާއި، މިއީ ހުޅުމާލޭގެ އާބާދީއަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
“މިއީ އައިނުގެ އަގުބޮޑުކަމާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް އަމާޒުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވި ވަރަށްވެސް އަގުހުރި ފިޔަވަޅެއް،” ހަލީމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ފަހިވުމާ ގުޅިގެން، ސަރުކާރުގެ އައިނު ފިހާރަތަކަށް އޮތް ޑިމާންޑު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އައިޖީއެމްއެޗްގައި ގާއިމްކުރި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ ހުޅުވައިދެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.



