ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ޗެނަލް ޕާކު ބްރިޖަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެ ސަރަހައްދުގައި ޖެޓްސްކީ އާއި އެހެނިހެން އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންގެ ރައްކާތެރިކަމަށް ނުރައްކަލެއް ކަމަށާއި، މުރަކަ އާލާކުރުމުގެ މަސައްކަތަށް ވެސް ހުރަސްއެޅޭނެ ކަމެއް ކަމަށްވާތީ، އަންނަ ހުކުރު ދުވަހުން ފެށިގެން އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާ ގުޅިގެން “ކޮރަލް ގާޑެން ޕްރޮޖެކްޓް” ގެ ދަށުން މިދިޔަ ޖުލައި 22 ވަނަ ދުވަހު ވަނީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މުރަކަ އިންދައިފައެވެ.