ދިވެހިރާއްޖެއާއި އިންޑިޔާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާ ގުޅިގެން، ފޮރިން މިނިސްޓްރީއާއި އިންޑިޔާ ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި 60 ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
15 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރާއި، ދިވެހިރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމްގެ އިތުރުން އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ހަރަކާތެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސްމިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި ހުޅުމާލެއަކީ ފެހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް ފާހަގަކުރެއްވިއެވެ.