ހުޅުމާލެ އަކީ ސާފުތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީ އިން އިސްނަގައިގެން ކުރިއަށްގެންދާ ގޮނޑުދޮށާއި މޫދު ސާފުކުރުން ސެޕްޓެންބަރ 27 އަށް ބަދަލުކޮފިއެވެ.
ސެޕްޓެންބަރ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 27 ވަނަ ދުވަހަށް ބަދަލުކުރީ ގިނަ ބައެއްގެ ޝައުގުވެރިކަން މި ހަރަކާތަށް ފާޅުކުރުމުން، އެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ
މި ޕްރޮގުރާމުގެ މަގްސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމެވެ.
މި މަހުގެ 27 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.އަދި އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމެވެ.
މި ހަރަކާތާ ގުޅުވައިގެން، ތިމާވެށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ “މަންސަ” ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިދަފަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.