ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ އިދާރީ ކަންކަން ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން މެނުވީ އެއްވެސް އިސްލާހެއް ނުގެންނަވާނެ ކަމަށާއި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމަށް ނެގޭނީ ތާރީޚީ ވޯޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަމަށެވެ.
އޮކްޓޯބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓުގައި، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް “އައްޑޫ” އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް “އައްޑޫ ސިޓީ ކައުންސިލް”ގައި ރަށްތައް ތަމުސީލު ކުރާނީތޯ ރައްޔިތުން ނިންމަވާނެއެވެ.
މީގެއިތުރުން، ޢަދުލު އިންސާފުގެ ދާއިރާއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2026 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީއަށް ބަޖެޓުގެ ވަކި އިންސައްތައެއް ކަނޑައަޅުއްވައި، ބްލޮކް ގްރާންޓް އުސޫލުން ފައިސާ ދޫކުރައްވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ޖުޑީޝަރީގެ މިނިވަންކަން އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ އިނާޔަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.