އެޗްޑީސީ އިން އެއްމިލިއަން ގަސް އިންދުމުގެ ޕްލެޖްގެ ދަށުން، މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު “ފެހި މަންޒަރު” އިފްތިތާހު ކޮށްފިއެވެ.
މިއަދު 15:30 ގައި އެޗްޑީސީ މައި އޮފީސް ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި،މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް ގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު އަތީފް، އެޗްޑީސީ ގެ ޗީފް އޮޕަރޭޝަންސް އޮފިސަރ އަހުމަދު އިބްރާހިމް، ފަސްމިލިއަން ގަސް މަޝްރޫއު ކޮމިޓީ މެންބަރުން، އަދި އެޗްޑީސީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ 1 މިލިއަން ގަސް އިންދަން ވައުދުވެފައިއެވެ. މި އިފްތިތާހު ކުރި ފެހި މަންޒަރަކީ، އެޗްޑީސީ އިން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑެކެވެ. މި ފެހި މަންޒަރުން ހާމަވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެޗްޑީސީން ކުރާ ބުރަ މަސައްކަތެވެ. އަދި މީގެ އިތުން ރައީސުލް ޖުމުހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވައުދު ފުރިހަމަ ކުރުމަށް އެޗްޑީސީއިން ކުރަމުންދާ ހިތްވަރެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީ އިން ވެފައިވާ އެއްމިލިއަން ގަސް އިންދުމުގެ ޕްލެޖްއަށް ވާސިލުވުމަށް އެޗްޑީސީ އިން އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ދައްކާލުން ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް ވަނީ މި ޕްލެޖްގެ ދަށުން އިންދައިފައިއެވެ.
އެޗްޑީސީ ގެ އުންމީދަކީ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި 1 މިލިއަން ގަސް އިންދުމާއި ހަމައަށް ވާސިލުވުމެވެ. މި ފުރުސަތުގައި އެޗްޑީސީގެ އިސްވެރިންނާއި، ދިވެހިރައްޔިތުންނާއި، މުވައްސަސާތަކުން ދޭ އެބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރަމެވެ.
ޕްލެޖްގެ ދަށުން ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ގަސްއިންދުމަކީ އެޗްޑީސީ ގެ އުންމީދެކެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކޮށް ދިވެހިރާއްޖެއަކީ ފެހި ހިތްފަސޭހަ ގައުމަކަށް ހެދުމަށް ކުރެވެންހުރި ހުރާ މަސައްކަތެއް އެޗްޑީސީ އިން ކުރަމުންގެންދާނެއެވެ.