ކޮންމެ މީހަކުވެސް އޮންނަ އުސޫލުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނެ ކަމަށާއި ރިސޯޓް ކުއްޔަކީ ސިޔާސީ ހަތިޔާރަކަށް ނުހަދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުލި ނުދައްކާ ފަރާތްތަކުގެ އަތުން ކުލި ހޯދުމަށް ހުއްޓާނުލާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ މައުސޫމް ވިދާޅުވީ ކުލި ނުދައްކައިގެން މިހާރުވެސް 18 ރިސޯޓަކަށް ނޯޓިސްދީފައިވާ ކަމަށާއި މިފަދަ ފަރާތްތަކުގެ އެގްރީމަންޓް ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް އޮތް ނަމަވެސް އެ ގޮތަށް ނިންމައިފިނަމަ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެތީ އަބަދުވެސް ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް އިސްކަންދޭ ކަމަށެވެ.
އެހެންނަމަވެސް ކޮންމެ ފަހަރަކު މިގޮތަށް އަމަލު ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް މައުސޫމް ވިދާޅުވިއެވެ. ސިޔާސީ ހަތިޔާރަކަށް ރިސޯޓްކުލި ނުހަދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއިރު މީރާއިން އާއްމު ކުރި ކުލި ނުދައްކާ ރިސޯޓްތަކުގެ ތެރޭގައި ރައީސް އޮފީހުގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިންގެ އާއިލަަތަކަށް ނިސްބަތްވާ ރިސޯޓްތައް ހިމެނެއެވެ.