ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނެތި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހަރުކޮށްފައިވާ އިސްތިހާރު ބެނާތަކާއި ޕޯސްޓަރުތައް ނެގުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށެވެ. އަދި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އެ ކުންފުނީގެ ހުއްދަ ނެތި ބެނާއާއި ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމަކީ މަނާ ކަމެއްކަންވެސް ހަނދާންކޮށްދީފައިވެއެވެ.
އިއުލާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާ ނުވަތަ ޕޯސްޓަރު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، އެޗްޑީސީގެ ހުއްދައަށް އެދުމުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެ ފުރުސަތު ދެމުން ގެންދާނެ ކަމަށެވެ.
މި އިއުލާނާ ގުޅިގެން، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ހުއްދަ ނެތި ހަރުކޮށްފައިވާ އިސްތިހާރު ބެނާތަކާއި ޕޯސްޓަރުތައް ވީ އެންމެ އަވަހަކަށް ނެގުމަށް އެޗްޑީސީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.