ހުޅުމާލޭގައި ބާއްވާ އެކި އިވެންޓުތަކުގައި ސްޓޯލް ގަންނަން ބޭނުންވާ ފަރާތްތަކުން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީގެ ހުއްދަ އޮތް ފަރާތެއްތޯ ބަލާ ޔަގީންކުރުމަށް އޗްޑީސީން އިލްތިމާސްކޮށްފިއެވެ..
އެ ކޯޕަރޭޝަން މިހެން ބުނެފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް އަދި ފެއަރ ބޭއްވުމަށް އެޗްޑީސީގެ ހުއްދަ ނުހޯދައި ބައެއް ފަރާތްތަކުން ސްޓޯލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ އެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ހުއްދަ ނެތި އިވެންޓްތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ އެއްވެސް މާލީ ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށެވެ.
“މިހާރު ވެސް ހުޅުމާލޭގައި ފެއަރ، ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައި. އެކަން ވެސް އަޅުގަނޑުމެން ހަނދާންކޮށްދޭން ބޭނުން،” އެޗްޑީސީން ބުންޏެވެ.
އަދި ހުޅުމާލޭގައި އިވެންޓެއްގެ ސްޓޯލް ގަންނަން އުޅޭ ފަރާތްތަކުން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީގެ ހުއްދަ އޮތް ފަރާތެއްތޯ ބެލުމަށް އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަނަށް ގުޅައި ޔަގީންކުރުމަށް އެދިފައިވެއެވެ.
އެޗްޑީސީން މި މައްސަލައިގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމުގައި ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.