ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން “ކޯސްޓަލް ކްލީނަޕް 2025ގެ” ނަމުގައި މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
“ކޯސްޓަލް ކްލީނަޕް 2025″ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.




ހުޅުމާލޭގައި ކުރިއަށްގެންދިޔަ ކޯސްޓަލް ކްލީނިން ހަރަކާތުގައި 3000އެއްހާ މީހުން ބައިވެރިވެފައިވާކަމަށާއި، އޭގެތެރޭގައި ސަރުކާރު ހިއްސާވާ އެކި ވުޒާރާތަކާއި، ކުންފުނިތަކާއި، އެންޖީއޯތަކުގެ އިތުރުން ސްކޫލްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވެފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ކޯސްޓަލް ކްލީނަޕް ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެގޮތުން ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތަކުގައިވެސް މި ހަރަކާތް ކުރިއަށްގެންދިުއުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.