ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވައި، ޖުމްލަ 2،122.7 ކިލޯގެ ކުނި ނަގައިފިއެވެ.
ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުން ނެގުނު ކުނީގެ ތެރޭގައި 252.7 ކިލޯގެ ރިސައިކަލް ކުރެވޭ ޕްލާސްޓިކް، 115 ކިލޯގެ އެހެނިހެން ޕްލާސްޓިކް، 63 ކިލޯގެ މެޓަލް އަދި އެލުމިނިއަމް، 52 ކިލޯގެ ބިއްލޫރި އަދި 1،640.2 ކިލޯގެ އެހެނިހެން ކުނި ހިމެނެއެވެ.
މި ހަރަކާތުގައި ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދާއި، ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރު މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަކީ އެޗްދީސީގެ އަމާޒެއްކަމަށް ބުނެފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއެކު، ހުޅުމާލޭގެ މޫދު ސާފުކޮށް ބެލެހެއްޓުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެފައިވެއެވެ.