ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ގިނަ ވަޒީފާތައް އިންޑިއާ ރައްޔިތުންނަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާގައި ކުނި މެނޭޖް ކުރުމުގެ ބިލަށް ބަހުސްކުރައްވަމުން ޝިޔާމް ވްަނީ ރާއްޖޭގައި ކުނި މެނޭޖް ކުރުމަށް އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރެއްވީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ވެމްކޯގެ ނަމުގައި މާލޭގައި ކުނި މެނޭޖް ކުރުމަށް ހާއްސަ ކުންފުންޏެއް އެކުލަވާލީ އެމަނިކުފާނުގެ ވެރިކަމުގައިކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން އެ ފަދަ ކުންފުނިތައް އުފެއްދުވުމުގެ މަގްސަދަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްެދެއްވާ މުޖުތަމައުގައި ހުރި މައްސަލަޔަކަށް ހައްލު ހޯއްދަވާ ދެއްވުން ކަމަށް ވީ ނަމަވެސް މިހާރު ފެންނަމުން ދަނީ ދިވެހިން އެ ވަީފާތަކުން އެކހެރިކޮށް އަވައްޓެރި އިންޑިއާގެ ރައްޔިތުން އެ ވަަޒީފާތަކަށް އައްޔަންކުރަމުން ގެންދާ މަންޒަރު ކަމަށް ޝިޔާމްވަނީ ވިދާޅުވެފައެވެ.
“އެތަނުގައި ދިވެހިންނަށް ދެވުނު ވަޒީފާތައް މިއަދު ދިވެހިން ހަޔާ ކުރުމުގެ ބަދަލުގައި، ދިވެހިންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އަނެއްކާވެސް ބިދޭސީންނަށް، އޭގެ ތެރޭގައި މިހާރަކަށް އައިސް ގިނަ އަދަދަކަށް އިންޑިއާގެ ރައްޔިތުންނަށް އެތަނުން ވަޒީފާ ދެވެމުން ދާތަން”. ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ތުހުމަތާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވެމްކޯގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ “ނަސްލުތައް ބެހިފައި ވާގޮތް” ސާފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.