ށ. މިލަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަންދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް އެޗްޑީސީއަށް ދީފައިވަނީ 280 ދުވަހުގެ މުއްދަތެކެވެ.
މިލަންދޫގައި އިމާރާތްކުރެވޭ މި 50 ހައުސިން ޔުނިޓަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.