މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3،884 ޕާސްޕޯޓް ދޫކޮށް, 3،897 އެޕްލިކޭޝަން ޕްރޮސެސްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ .
މާލެ ސަރަހައްދުން ދޫކޮށްފައިވާ ޕާސްޕޯޓުތަކުގެ ތެރޭގައި މާލެއިން 2،115 ޕާސްޕޯޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓް، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް ހިމެނެއެވެ.
އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު ޖުމްލަ 960 ޕާސްޕޯޓް ދޫކޮށްފައިވާއިރު، އެންމެ ގިނަ ޕާސްޕޯޓް ދޫކޮށްފައިވަނީ ސ. މަރަދޫއިން (146) އެވެ. ދެން އެންމެ ގިނައިން ޕާސްޕޯޓް ދޫކޮށްފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ (144)، ލ. ފޮނަދޫ (122)، ގދ. ތިނަދޫ ސިޓީ (111) އަދި ރ. އުނގޫފާރު (100) އިންނެވެ.
މީގެ އިތުރުން މެލޭޝިޔާގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާއިރު، މިދިޔަ މަހު 25 ޕާސްޕޯޓް ގެއްލިގެން ރިޕޯޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކޮށްފައެވެ. މިހާރު ވަނީ މި ވަޢުދު ފުއްދާފައިކަން ފާހަގަކުރެވެއެވެ.