ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން މާލީ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމަށް އެޗްޑިސީގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމެވެ. އަދި މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގެ މި ބިމުގައި ފެސިލިޓި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
މީގެ ކުރިން ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި ކަންނެލި މަސްވެރިނަށް ހާއްސަ ފެސިލިޓީއަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައެވެ. ވަޒީރު ވިދާޅުވީ، ކަނޑުއޮށްގިރީގައި ކަންނެލި މަސްވެރިންނަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށާއި އެމްއެންޑީއެފްގެ ބޭނުމަށް ކަނޑުއޮށްގިރި ނެގުމާއެކު ހުޅުމާލޭގައި ކަންނެލި މަސްވެރިކަން ކުރާ ފަރާތްތައް ބޭނުންވާ ކަހަލަ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
“ވަރަށް އަވަހަށް އެ ފެސިލިޓީ ގާއިމުކުރުމަށްޓަކައި ހުޅުވާލެވިގެންދާނެ، މިފްކޯއިން ހުޅުވާލާނީ ވެސް. އިރާދުކުރެއްވިއްޔާ ކުދި ކަންނެލި މަސް ބަންދުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް މުހިންމު މާހައުލަކަށް އެތަންވާނެ. އޭރުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ގޮންޖެހުން ހައްލުވެގެންދާނެ،”. ޝިޔާމް އެއިރު ވިދާޅުވިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވާގޮތުގައި މި މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.



